އިމާމު މާލިކު ރަޙިމަހުﷲއަކީ ކޮންބޭކަލެއް؟

އިމާމު މާލިކު ރަޙިމަހުﷲއަކީ ކޮންބޭކަލެއް؟
އަބޫ ޢަބްދުﷲ ޅޮހީ
އެކަލޭގެފާނު އުފަންވެވަޑައިގަތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެރަށަކަށް ހިޖުރައަށް ވަޑައިގެންނެވި ރަށްކަމަށްވާ މަދީނާއަށެވެ. އެއީ ގާތްގަނޑަކަށް ހިޖުރީ ސަނަތުން 93 (މީލާދީ ސަނަތުން ގާތްގަނޑަކަށް 717ވަނަ) އަހަރެވެ. އެކަލޭގެފާނު އުފަންވީ އަހަރެއްކަމަށްބުނެވޭ އަހަރުތަކުގެ ތެރެއިން އެންމެ ޞައްޙަ އަހަރެއްކަމަށް ބެލެވޭ އަހަރަކީ މިއެވެ.
އެކަލޭގެފާނު އަސްލު ނަންފުޅަކީ އަބޫ ޢަބްދުﷲ މާލިކު ބިން އަނަސް ބިން އަބީ ޢާމިރު އަލްއަޞްބަޙިއްޔުއެވެ. އެކަލޭގެފާނުގެ ކާފާފުޅަކީ މަދީނާގެ މަޝްހޫރު ޞަޙާބީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނު މަޝްހޫރު ވެވަޑައިގެންފައިވާ ނަންނަކުގެ ތެރޭގައި ދާރުލް ޙިޖުރައިގެ އިމާމުގެ ނަން ފާހަގަކޮށްލެވެއެވެ.

އެކަލޭގެފާނު ޢިލްމު ޙާޞިލުކުރައްވަން ފެއްޓެވީ ވަރަށް ތުއްޕުޅު އުމުރުގައެވެ. އެގޮތުން އެކަލޭގެފާނު ޠާބިޢީންނާއި އަދި އެނޫންވެސް ބޮޑެތި ޢިލްމުވެރިންގެ އަރިހަށް ވަޑައިގަންނަވާފައިވެއެވެ. އޭގެ ތެރޭގައި އަބޫބަކުރު ޢަބްދުﷲ ބިން ޔަޒީދު (މަޝްހޫރު ނަމުންނަމަ އިބްނު ހުރުމުޒް އައްތާބިޢީ، އަވަހާރަވެޑައިގެންފައިވާ ތާރީޚު: 148 ހ) އަދި މަޝްހޫރު ތާބިޢީ ބޭކަލެއްކަމަށްވާ އިބުނި ޝިހާބުއް ޒުހުރީ (އަވަހާރަވެވަޑައިގެންފައިވާ ތާރީޚު: 124 ހ) އަދި ރަބީޢާ ބިން އަބީ ޢަބްދުއްރަޙުމާނު (އަވަހާރަވެވަޑައިގެންފައިވާ ތާރީޚު: 136 ހ) ހިމެނިވަޑައިގަނެއެވެ.

އަދިވެސް އޭގެތެރޭގައި އިބުނު ޢުމަރު ރަޟިޔަﷲ އަންހުގެ މިނިވަންކޮށްފައިވާ (އެކަލޭގެފާނުގެ ކުރީގެ އަޅެއްކަމަށްވާ) ބޭކަލެއްކަމަށްވާ ނާއިފު ރަޙިމަހުﷲ ފާހަގަކޮށްލެވެއެވެ.

މިބޭބޭކަލުންގެ އަރިހުން އެކަލޭގެފާނު ޙަދީޘް ރިވާކުރައްވާ ޢިލްމު ޙާޞިލުކުރައްވާފައިވެއެވެ.

އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގައި އެންމެ ބޮޑު ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އެއްޢިލްމުވެރިޔާއެވެ.

އެކަލޭގެފާނު މަޖުބޫރުކޮށްގެން ކުރެވޭވަރި ބާތިލުވާނެކަމަށް ދެއްވި ފަތުވާޔާއި ގުޅިގެން އެކަލޭގެފާނަށް ގާތްގަނޑަކަށް މިލާދީ ސަނަތުން 764 ވަނައަހަރު، މަދީނާގެ އަމީރު ވަރަށް އަނިޔާކުރިއެވެ. އެގޮތުން އައްސާ އެކަލޭގެފާނަށް އަނިޔާކުރުމުގެ ސަބަބުން އެކަލޭގެފާނުގެ ދެއަތް ނަމާދުގައި ނުއުފުލެއެވެ. އަދި އެކަލޭގެފާނު މިކަމުގެ ސަބަބުން ދެއަތް ދޫކޮށްލަވައިގެން ނަމާދުކުރައްވަން ފެއްޓެވިއެވެ. ބައެއް މާލިކީ މަޛުހަބުގެ ތައައްސުބީން ނަމާދުގައި ހަރަމް ނުބަންނަނީ މިކަން ދަލީލަކަށް ދައްކާފައެވެ. ނަމަވެސް މިއީ އެކަލޭގެފާނަށް ދިމާވި ހާލަތަކާއި ގުޅޭގޮތުން އެކަލޭގެފާނު ކުރެއްވިކަމެކެވެ. އެއްވެސް ހާލެއްގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުން ސާބިތުނުވަނީސް ދީނުގެ ކަމެއްކުރުން ހުއްދަނުވާނެއެވެ.

އަދި އެކަލޭގެފާނުގެ އެތައްހާސް ދަރިވަރުންނެއް އެކަލޭގެފާނުގެ އަރިހުން ކިޔަވާ ވިދާޅުވިއެވެ. ގާތްގަނޑަކަށް 40 އަހަރު އެކަލޭގެފާނު މަސްޖިދުއްނަބަވީގައި ކިޔަވައިދެއްވުމަށް ހޭދަކުރެއްވިއެވެ. އެކަލޭގެފާނަކީ ރީތި ހެދުންތުރުކުރެއްވުމަށް ލޯބިކުރެއްވި ޢިލްމުވެރި ތަޤުވާވެރި ބޭކަލެކެވެ.

އެކަލޭގެފާނަށް މަދަހަކިޔުއްވަމުން އިމާމު ޛަހަބީ ވިދާޅުވެފައިވެއެވެ.

“އެކަލޭގެފާނަކީ އިމާމު ޙާފިޡު މިއުއްމަތުގެ ފަޤީހު ޝެއިޚުލް އިސްލާމްއެވެ…”

އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ އުމުރުފުޅުން 83 އަހަރުގައި ހިޖުރީ ސަނަތުން 179 ވަނަ އަހަރުއެވެ. އެއީ މިލާދީ ސަނަތުން ގާތްގަނޑަކަށް 801 ވަނަ އަހަރެވެ. މާތްﷲ އެކަލޭގެފާނަށް ހެޔޮރަޙުމަތް ލައްވައި ސުވަރުގޭގެ އެންމެމަތިވެރި ދަރަޖައިން ނިޢުމަތް ދެއްވާށިއެވެ. އާމީން

Post a Comment

0 Comments